| ހޯމަ, 05 އޮކްޓޯބަރ 2009 09:20 |
| ތިންމަސްތެރޭގައި ސަރުކާރު ވައްޓާލާނެކަމަށް އިހުތިޖާޖުން ބުނެފި |
ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ކުރިއަށްއޮތް ތިން މަސްދުވަހުގެތެރޭ ވައްޓާލާނެކަމަށް އިދިކޮޅު އިހުތިޖާޖުން ބުނެފިއެވެ. ރޭ އާޓިފިޝަލް ބީޗްގައި ޑީއާރުޕީ އާއި ޕީއޭ އަދި އައިޑީޕީ ގުޅިގެން ބޭއްވި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ރައީސް ނަޝީދު އާއި ބައެއް ވަޒީރުންގެ އިސްތިޢުފާއަށް ގޮވާލާފައިވެއެވެ. މުޒާހަރާގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކީ ސަރުކާރުން އިޒްރޭލާ ސިޔާސީ ގުޅުން ބަދަހިކުރަމުންދާ މައްސަލައާއި، ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރާ މައްސަލައިގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުމާ ދެކޮޅަށެވެ. ސަރުކާރަށް ފާޑުކިޔާ ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ ވާހަކަ ދެއްކީ ޑީއާރުޕީގެ މެންބަރު މާޒް އަޙްމަދު ސަލީމެވެ. " ތިޔަބޭފުޅުން އަޅުމެންނާއެކު ތިޔަގޮތަށް ތިބި ކަމުގައިވާނަމަ ތިންމަސް ތެރޭ ސަރުކާރު ވައްޓާލާނަން. މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ބޭރުގެ ފަރާތްތަކާއެކު ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ވެރިކަމާ ހަވާލުވާތާ 18 މަސްތެރޭގައި ރާއްޖޭގައި ތިން ފައްޅި އަޅުން. އޭގެ ތެރެއިންއ އެއްފައްޅި ހުންނާނީ މާލޭގައި ކަމަށްވެސް އެއްބަސްވެފައިވާ ކަމުގެ މަޢުލޫމާތުވެސް އަޅުގަނޑުމެންނަށް ލިބިފައިވޭ. ދެން ވެފައިވާ ވައުދަކީ ބަނގުރާ އަތްފޯރާ ފަށަށް ގެނައުން " ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ހުޅުހެންވޭރު ދާއިރާގެ ގޮޑިއަށް ކުރިމަތިލައްވާ ނާކާމިޔާބުވެވަޑައިގެން މާޒް ސަލީމް ވިދާޅުވިއެވެ. މި މުޒާހަރާގައި ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިހުގައި ނެގުމަށް ނިންމާފައިވާ ކަމަށްވެސް އިހުތިޖާޖުން ރޭގައި އިޢުލާންކުރިއެވެ. ކުރީގެ ރައީސް މައުމޫނުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވީ މިހާރު ޕެޓިޝަން ތައްޔާރުކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ޑރ. ޝަހީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަނީ އިޒްރޭލާ ސިޔާސީ ގުޅުން ގާއިމުކުރުމާއި އިންޑިއާއާ އަސްކަރީ އެއްބަސްވުންތަކެއް ގާއިމުކުރާ މައްސަލައިގައި ކަމަށެވެ. މި މުޒާހަރާގައި ޑީއާރުޕީގެ ނައިބު ޒައީމް އަޙްމަދު ތަސްމީން ޢަލީ އާއި ސްޕެޝަލް އެންވޯރީ މަވޯޓާ އިބްރާހިމް ޝަރީފު އާއި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން އައިޑީޕީގެ ރައީސް ޢުމަރު ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ. މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ތިބީ ތަފާތު އިބާރާތްތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. މި މުޒާހަރާގައި ޤައުމީ ޕާޓީ އާއި ޖުމްހޫރީޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކުރިން އަޑު ފެތުރިފައިވިޔަސް އެދެ ޕާޓީއިން ބައިވެރިވެފައެއް ނުވެއެވެ. މީޑިއާގައި އިހުތިޖާޖުންނާ ހަވާލާދީ ފެތުރެމުންދިޔަ ޚަބަރުތައް އެދެޕާޓީގެ އިސްވެރިން ވަނީ ދޮގުވެސް ކުރައްވާފައެވެ. |
ކިޔުންތެރިންގެ ޚިޔާލް